މީޑިއާ ރެގިއުލޭޓު ކުރާ ބިލުގެ ސަބަބުން، މިނިވަން ނޫސްވެރިކަމަށް ކުޑަކޮށް ވެސް ޖާގަ ހަނި ނުވާނެ ކަމަށާއި، ދޮގު ހަބަރުތަކުން މީހުންގެ ހުރުމަތް ވެއްޔާ މޮޑެލުމަށް ކުރީން އޮތް ޖާގަ ބަންދު ވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ތަސްދީގު ކުރެވިގެން މިދިޔަ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާއިއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާއަށް ދޭންޖެހޭ ހަގީގީ ބާރުވެރިކަމާއި މިނިވަންކަން، ލިބިދެވި، ކުރީން، ރައްކާތެރިކަމާއި ބާރުވެރިކަން ނުދެވި އޮތް، 33 ވަނަ މާއްދާއަށް، ފުރިހަމަ ބާރުވެރިކަން ލިބިދެވުނީ ކަމުގައެވެ.

”މިބިލުގެ ސަބަބުން، މިނިވަން، ހަގީގީ ނޫސްވެރިކަމަށް، އަދި ތެދު ހަބަރާއި މައުލޫމާތު ފެތުރުމަށް، ކުޑަކޮށްވެސް، ޖާގަ ހަނިނުވާނެ.“ އޭނާ ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ، ތަފާތު ސިޔާސީ އަދި ޒާތީ ބޭނުންތަކަށް، އެކެއް އަނެކެއްގެ އަބުރު، ދޮގު ހަބަރުތަކުން، ކަތިލައިލާ، އަނެކާގެ އަގާއި ނަފްސުގެ ހުރުމަތް، ވެއްޔާ މޮޑެލުމަށް ކުރީން އޮތް ޖާގަތައް، މި ގާނޫނާއިއެކު އެއްކޮށް ބަންދުވެގެން ދާނެ ކަމަށެވެ.

މިއީ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ ދީނީ އަދި އިންސާނީ ހައްގެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގެ އަސާސްތަކާއި ހަމަތަކާއި އިންތަކުގެ ތެރެއިން، ހިޔާލުފާޅުކޮށް، ޚަބަރާއި މައުލޫމާތު ފެތުރުމާއި، އަބުރު ރައްކާތެރިކޮށް، އަބުރުވެރި ދިރިއުޅުމެއް އުޅުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭންޖެހޭ ކަންކަން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މީޑިއާ ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލު ކުރަން ފަށައިފައެވެ.

މި ގާނޫނުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.