ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން ކަމަށާއި، ރަށްރަށަށް ދަތުރުފުޅު ކުރައްވަނީ، ރައްޔިތުންގެ ކަންކަން ގާތުން އޮޅުންފިލުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ނުވަ ވަނަ އެޕިސޯޑުގައި އެމަނިކުފާނު ވިދާޅުވީ، މިހައިތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދެވިފައިވާއިރު، އޭގެ ބޭނުމަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވުން ކަމަށެވެ.

”ރައްޔިތުންގެ އަޑު އެހުން. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ގެންދިޔުމުގައި، ހަމަ ސީދާ ރައްޔިތުން ބޭނުންވާގޮތް ކަށަވަރުކޮށް، ނޫނީވިއްޔާ އެ ގޮތަކަށް ކަންކަން ކުރެވޭނެ މަގު ވީހާވެސް ގާތުން ފަހިކުރުން.“ ރައީސ ވިދާޅުވިއެވެ.

ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުން، އަދި ކުންފުނިތަކުގެ ވެރިންވެސް، އެބޭފުޅުންގެ ދާއިރާއާބެހޭ ކަންކަން ސީދާ ރައްޔިތުންގެ ގާތުން، ރައްޔިތުންގެ މަންދޫބުންނާއި، މުއައްސަސާތަކުގެ ވެރިން ގާތުން އޮޅުން ފިލުވުމަކީ ވެސް، ރައީސް ވިދާޅުވި ގޮތުގައި ރަށްރަށަށް ދަތުރުފުޅު ކުރެއްވުމުގެ އެއް މަގުސަދެވެ.

ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ހިންގުމަށް ވަރަށް ބޮޑެތި ކުރިއެރުން ލިބި، ވަރަށް ބޮޑު ހަލުވިމިނެއް އަންނަ ކަމަށެވެ.

”ކުރީގައިވިއްޔާ މި ޖެހެނީ ސިޓީބިޓީއިން ނޫނީވިއްޔާ، ދަތުރުހަދާފައި މާލެއަންނަން މި ހުރިހާ ވެރިން ނޫނީވިއްޔާ މި ހުރިހާ މުއައްސަސާތަކުގެ ބޭފުޅުން. އެ އަޅުވެތިކަން، ނޫނީވިއްޔާ އެ އަޅުދާސްތުވުން، ނިމުމަކަށްގެނެސް، ސީދާ ރައްޔިތުންގެ ގާތަށް އަޅުގަނޑު ގޮސް، އަޅުގަނޑާ އެކީގައި އެކި މުއައްސަސާތަކުގެ ހިންގަން ތިއްބެވި ބޭފުޅުން ގެންގޮސް ބައްދަލުކުރުވައި، ކަންކަން އަޑުއަހައި، ކަންކަން ހައްލުކުރުން. އެއީ އަޅުގަނޑު ގަބޫލުކުރާ ފަލްސަފާއަކީ. އެހެންވީމާ، އެގޮތަށް މި މަސައްކަތް ކުރަނީ.“ ރައީސް ވިދާޅުވިއެވެ.

ރައީީސް ވަނީ، ކައުންސިލްތަކާއި، ޑަބްލިޔުޑީސީތައް ބާރުވެރި ކުރުވަންވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، މިހާތަނަށް، ޑަބްލިޔުޑީސީތަކުގެ ފަރާތުން އެންމެ ބޮޑަށް އެދުނު އެއްކަންތައް ކަމަށްވާ  ރޯދަމަހުގެ އިނާޔަތާއި ވިހެއުމުގެ ޗުއްޓީއެއް ލިބޭނެ ގޮތް، ހަމަޖައްސަވައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.