ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވ.ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފިއެވެ.

ތިނަދޫ ބަނދަރު ސަރަޙައްދުގައި މިރޭ ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވ. ތިނަދޫ ކައުންސިލުން ވަނީ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސްއަށް ދަންނަވާފައެވެ.

މީގެ އިތުރުން އުމްރާނީ ގޮތުންނާއި، ސިއްހީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރަށުގެ ކައުންސިލުންވަނީ ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސް ވަނީ، އެކަންކަމުގެ ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތިރުން، މި ދަތުރުފުޅުގައި ރައީސް ވަނީ، ވ. ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ހިދުމަތްވެސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައެވެ.