ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަައިޑީކާޑު ޕްރިންޓް ކުުރުމުގެ ހިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައިފިއެވެ.

ރައީީސް މުއިއްޒުގެ މި ވައުދުފުޅުގެ ދަށުން އެންމެފަހުން އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައިފައި މިވަނީ، ވ. އަތޮޅު ފެލިދޫގައެވެ.

އެއާއެކު ހުރިހާ އަތޮޅަކުން މިހާރު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް މިހާރު ލިބެން ހުންނާނެއެވެ.

ފެލިދޫގައި އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެ ރަށުގައި އެ ހިދުމަތް ފެށިގެން ދިޔައީ، ރައީސް މުއިއްޒު ވ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފެލިދުއަށް ވަޑައިގެން އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ކާމިޔާބީއާއި ގުޅިގެން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިފަދަ ކަންކަމަކީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި ދެއްކުމަށް ވާދަވެރި ސިޔާސީ ބޭފުޅުން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގައި އައިޑީ ކާޑުގެ ހިދުމަތް ފެށިފަހުން އެތައް އަހަރެއް ވެފައިވާއިރު، އަދި ލާމަރުކަޒީ ނިޒާމު ގައިމުވި ފަހުންވެސް 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެމީހަކު ދިރިއުޅޭ އަތޮޅުން އައިޑީ ކާޑުގެ ހިދުމަތް ނުލިބި އޮތް އޮތުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

”މިވަރުގެ އަސާސީ ޚިދުމަތެއް ހޯދުމަށްޓަކައި ޖީބުން އެތައް ޚަރަދެއްކޮށް ރަށުން ފުރައިގެން ވެރިކަންކުރާ މާލެއަށް ގޮސް، މާލެއިން އެޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ އެންމެހައި ބުރަ އާއި ތަކުލީފުތައް އެންމެ ރަނގަޅަށް އެނގޭނީ އެ ބުރަ އުފުލަންޖެހުނު ރައްޔިތުންނަށް.‏“ މިނިސްޓަރު ވިދާާޅުވިއެވެ.

ޝިޔާާމް އިތުރަށް ވިދާޅުވީ މިރޭ ފެލިދޫގައި އައިޑީ ކާޑުގެ ހިދުމަތް ފެށުމާއެކު، މިހާރު މިވަނީ އެ ހިދުމަތް ހޯދުމަށް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު އެމަނިކުފާނު ރަނުން ރަނަށް ފުއްދަވައިފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވަނީ، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި، ދިވެހި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.