މި ފާއިތުވި ދެ އަހަރުގެ ތެރޭގައި، ސިޔާސީ ބޭނުމެއްގައި އެއްވެސް ފަރާތަކާ ދެތެރޭގައި ފިޔަވަޅު އަޅައި، ބަދަލު ހިފި މަންޒަރެއް ނުފެންނާނެ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ވ.ފެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި، މީގެ ކުރިން ގައުމުގައި ތާއަބަދު އޮތީ ހަމަނުޖެހުން ކަމަށެވެ.
”މިހާރު މީގެން އެއްވެސް ކަމެއް ނޯންނާނެ. ސިޔާސީ ފަރާތްތަކުން، ހަމަ ކިތަންމެ ވާހަކައެއް ވެސް ދައްކަންވީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވަކި މީހަކީ ސިޔާސީ މީހަކަށް ވެގެން، މި ސަރުކާރުން އެމީހަކު ކޯޓަށް ވެސް ނުގެންދާނެ ކަމަށާއި، ޝަރުއީ ދާއިރާ އޮތީ މިނިވަންކޮށް ކަމަށެވެ.
ސިޔާސީ ގޮތުން ނުފޫޒު ގަދަ، ނުވަތަ ސަރުކާރުގެ އެއްވެސް މަގާމެއްގައި ހުންނެވި، އެއްވެސް ބޭފުޅަކު، ފަނޑިޔާރުންނަށް ގުޅުއްވައި، ވަކި ގޮތަކަށް ހުކުމް އިއްވަން ނާންގަވާނެކަމުގެ ޔަގީންކަން ވެސް ރައީީސް ރޭ ރައްޔިތުންނަށް ދެއްވިއެވެ.
އަދި އަންނަ އަހަރުގެ ބަޖެޓު ފާސްވެގެންދާއިރު، ޝަރުއީ ދާއިރާ މާލީ ގޮތުން ވެސް މިނިވަން ވެގެންދާނެ ކަމަށާއި، މިއީ އަލަށް ކުރެވިގެންދާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު އެކި ފަހަރުމަތިން ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވަނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ 17 ވަނަ ދުވަހު، އެމަނިކުފާނު ވެރިކަމުގެ ހުވައި ކުރެއްވުމާއެކު، ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުން ދިޔުން ނިމުމަކަށް އައީ ކަމުގައެވެ.
