މީޑިއާތައް ރެގިއުލޭޓު ކުރާ ”މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން“ ގާނޫނާ ގުޅޭ ހޫނު ބަހުސްތައް ކުރެވެމުން އަންނައިރު، އެ ގާނޫނުން އެއްވެސް ރައްޔިތެއްގެ މިނިވަންކަން ނިގުޅައިނުގަންނާނެ ކަމަށާއި، އޭގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތްކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ދެއްވަވައިފިއެވެ.
ވ.ފެލިދޫގައި ރޭ ބޭއްވި ޖަލްސާގައި، މީޑިއާ ގާނޫނުގެ ވާހަކަ ރައީސް މުއިއްޒު ފެއްޓެވީ، ގައުމަށް ހަމަޖެހުން ގެނައުމުގެ ވާހަކައިންނެވެ.
ރައީސް ވިދާޅުވީ، ކޮންމެ މީހަކު ވެސް އެ މީހަކު ބޭނުން ވާހަކައެއް ދައްކަންވީ ކަމަށެވެ. އެކަމަކު، މިއީ އިސްލާމީ ގައުމަކަށްވީތީ، ހަމަތަކެއްގައި ހިފަހައްޓަން ޖެހޭކަން އެމަނިކުފާނު ހަނދުމަކޮށްދެއްވިއެވެ.
އަދި ކޮންމެ މީހަކަށް ވެސް ﷲ ދެއްވި އަބުރު ރައްކާތެރިކޮށްގެން ނޫނީ، ގައުމަށް ހަމަޖެހުން ނުގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން ކޮންމެ މީހަކީ އަބުރަކާ އިއްޒަތެއް ލިބިގެންވާ މީހެއްކަން، އަޅުގަނޑުމެން އެންމެން ގަބޫލު ކުރަންޖެހޭ. މި ގައުމުގައި ހަމަޖެހުން ގާއިމުވެގެން ދާނީ، އަޅުގަނޑުމެން ކޮންމެ މީހަކު އަނެކާއަށް އިހުތިރާމް އަދާކުރަން ދަސްކުރި ދުވަހަކުން.“ ރައީސް ވިދާޅުވިއެވެ.

ދޮގު ހަބަރަށް ޖާގައެއް ނެތް ކަމަށާއި ތެދު ހަބަރު ފެތުރުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައިވާ ކަމަށް ވިދާޅުވި
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، މިނިވަންކަން ލިބިފައި އޮތަސް، އަނެކާއަށް ނިސްބަތްކޮށް، ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ ”އޯޕަން ލައިސެންސް“އެއް ނޫނެވެ.
ދޮގު ވާހަކަތައް ފެތުރުމަކީ ސިޔާސީ ފަރާތްތަކާއި، މީޑިއާ އަށް ވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށާއި، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވާއިރު، އެއްވެސް ވަރަކަށް ހަގީގަތް ބެލުމެއް ނެތި ވާހަކަތައް ފަތުރަމުން ދިޔުމަކީ އަމުދުން ލިބިދޭ ހައްގެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް، ތެދު ބަހުން ވާހަކަ ދެއްކުމުގެ ފުރިހަމަ ހައްގު މީޑިއާތަކަށް ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގައި، ތަންމިނަށް، ފުޅާމިނަށް ފުރުސަތު އެބައޮތް.“ ރައީސް ވިދާޅުވިއެވެ.

ގާނޫނަށް ގޮންޖަހަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި
މީޑިއާ ރެގިއުލޭޝަން ބިލުގެ ސަބަބުން، ރާއްޖޭގެ ނޫސްވެރިކަން ހަނިވެގެންދާނެ ކަމަށް ބުނެ، ބައެއް ނޫސްވެރިން ގެންދަނީ އަދިވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގާނޫނަށް އަމަލު ނުކުރާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ހާމަކޮށްފައެވެ.
މިއީ 100 އިންސައްތަ އިސްލާމީ ގައުމަކަށްވާއިރު، ހަމަޖެހުން ގާއިމު ކުރުމަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމް ކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ރޭ ވިދާޅުވީ، އެކަމަށް ގާނޫނު ހެދުމަކީ ބައެއްގެ ހައްގެއް އަތުލުން ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، ތެދު ހަގީގަތާ އެއްގޮތަށް ރިޕޯޓު ކުރުމުގެ ފުރުސަތު، ތަންމިނަށް ހުޅުވައިލެވިފައިވާ ކަމަށެވެ. އަދި ދޮގު ހަބަރުތައް ފެތުރުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާ ހަމައެއް ނޫން ކަމަށާއި، ގާނޫނަށް ގޮންޖެހުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ހައްގު އޮންނާނެ، އެ ދާއިރާއިން ކުރަންޖެހޭ ކަންކަން ޒިންމާދާރުކަމާއެކު ކުރުމަށް.“ ރައީީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީޑިއާގެ އައު ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ސާބިތު ނުކުރެވޭ ވާހަކަތައް ލިޔެވޭނީ، އެއީ އެފަދަ ވާހަކައެއްކަން ބަޔާން ކުރުމަށްފަހުގައި ކަމަށެވެ.
”މިނިވަންކަމެއް ނޫން، ތިމާ ބޭނުން ވާހަކައެއް ދެއްކުމަކީ ދޮގު ހަދައިގެން. އެކަކަށް ވެސް އޮތް ހައްގެއް ނޫން އެއީ. ކޮންމެހެން މީޑިއާގައި އުޅޭކަށް ވެސް ނުޖެހޭ.“
ދޮގު ހަބަރު ފެތުރުމަކީ ދީނީ ގޮތުން ބަލާއިރު ވެސް ވަރަށް ނުބައި ކަމެއްކަން ރައީސް ފާހަގަކުރެއްވި
ރައީސްގެ ވާހަކަފުޅުގައި މީހުންގެ އަބުރު ކަތިލުމާއި، ދޮގާއި ފިތުނަ ފަސާދަ އުފެއްދުމުގެ ނުބައިކަމަށް އަލިއަޅުވައިލައްވައި، ދީނީ ގޮތުން އެކަންކަމުގެ ނުބައިކަން ހުރި މިންވަރު ވެސް ފާހަގަކުރެއްވިއެވެ.
މީހަކު ހަބަރަކައިގެން އަތުވެއްޖެނަމަ، އެ ހަބަރެއްގެ ތެދު ދޮގު ބެލުމަށް މުސްލިމުންނަށް އަންގަވައިފައިވާކަން ފާހަގަކުރައްވައި، ދޮގު ހަދާނަމަ، އެމީހެއްގެ އީމާންތެރިކަން ފުރިހަމަ ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މުސްލިމަކީ އޭނާގެ އަތާ ދުލުގެ ނުބައިކަމުން އެހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހާ ކަމަށް މާތް ނަބިއްޔާ(ސ.އ.ވ)ގެ ހަދީޘް ކުރައްވައިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މީޑިއާ ގާނޫނާއެކު، އާއްމުންނަށް ސޯޝަލް މީޑިއާ ”ބޭން“ ވެއްޖެ ކަމަށް ބުނާ ވާހަކައަށް ރައީސްގެ ރައްދު
މީޑިއާ ގާނޫނަށް އަމަލު ކުރަން ފެށުމުން، ސޯޝަލް މީޑިއާގައި އާއްމުން ލިޔާ އެއްޗެހި ވެސް ރެގިއުލޭޓު ކުރާނެ ކަމަށް އެ ގާނޫނާ ދެކޮޅު މީހުން ބުނެއެވެ. މިއީ އާއް ރައްޔިތުން އެންމެ ކަންބޮޑުވި ވާހަކައެވެ.
މިކަމަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ، އެއީ ހަގީގަތް ބެލުމެއް ނެތި، ފިތުނަ ފަސާދަ އުފެއްދުމަށް ފަތުރާ ވާހަކައެއް ކަމަށެވެ.
ސޯޝަލް މީޑިއާ ތަޅުއެޅުވުން ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ކުރަން ނޫޅޭކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.
ފިތުނަ ފަސާދަ އުފެއްދުމަކީ ގަތުލު ކުރުމަށްވުރެ ވެސް ނުބައި ކަމެއްކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ޤުރުއާނަށް ވެސް ގޮންޖަހައިލައި، ފިތުނަ އުފައްދަންވީތޯ ސުވާލު ކުރައްވައި، ރައީސް ވިދާޅުވީ، އެކަމަށް ވަކާލާތުކޮށް ގެންނަ އެއްވެސް ސްޓޭޓްމަންޓެއް ގަބޫލު ނުކުރައްވާނެ ކަމަށެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ހުންނެވީ، ދީީނީ އުސޫލުތަކާ އެއްގޮތަށް ވެރިކަން ކުރެއްވުމަށް ހުވައި ކުރައްވައިގެންކަން ފާހަގަކުރައްވައި، އެކަން ކުރެއްވުމުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ، މީޑިއާ ގާނޫނާ މެދު، ފިތުނަ އުފެދޭ ޒާތުގެ ވާހަކަތައް ފަތުރަމުންދަނީ، އެކަން ކުރާ މީހުންގެ ފިނޑިކަމާއި، ނާގާބިލުކަމުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައެވެ.
ފާޑުކިޔާ މީހުން، މީޑިއާ ގާނޫނު އެއްކޮށް ކިޔުމަށް ރައީސް ގޮވައިލެއްވި
ގިނަ ނޫސްވެރިން މީޑިއާ ރެގިއުލޭޝަން ގާނޫނާމެދު ކަންބޮޑުވުންފާޅު ކުރިއިރު، އެ ގާނޫނު މުޅިން ކިޔާފައި ވެސް ނުވާ ކަމަށާއި، އެއީ ޒިންމާދާރު ގޮތް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގާނޫނު އެއްކޮށް ކިޔާފައިވާ އެއްވެސް ނޫސްވެރިޔަކާ ބައްދަލުވެވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، ރައީސް އެދިވަޑައިގަތީ، ފާޑު ކިޔާ މީހުން އެ ގާނޫނު އެއްކޮށް ކިޔުމަށެވެ.
އެ ގާނޫނު ކިޔާލައިފިނަމަ، މިނިވަންކަން އަތުލާނެ ކަމަށް ލިޔެވިފައިވާ އެއްވެސް އެއްޗެއް ނުފެންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގައުމަށް ހަމަޖެހުން އަންނާނީ، އަޅުގަނޑުމެންނަކީ އަނެކާއާމެދު ތެދު ވާހަކަ ދައްކައި، ތެދު ގަބޫލު ވެސް ކުރާ ބަޔަކަށް ވެގެން ކަމަށެވެ.
ީ
