ވ.ކެޔޮދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކެޔޮދޫގެ ތަރައްގީއާއި ކުރިއެރުމަށް ބިމުގެޖާގަ ބޭނުންވާތީ ބިން ހިއްކަންޖެހޭ ކަމަށެވެ.
އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސް ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، ކެޔޮދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ގާއިމު ކުރުމުގެ އެއްބަސްވުމާއި ކެޔޮދޫގައި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މި މަޝަރޫއުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އަލަށް ގާއިމުކުރައްވާ ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެކަމަށާއި އެތަން ނިމޭއިރު ވިހި އެނދު ހުންނާނެކަމަށެވެ.
ސްކޫލްގެ މަސައްކަތް ނިމޭއިރު ޖާގައާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަތަރު ބުރީގެ ސްކޫލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ކެޔޮދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

