ރަސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވ.ކެޔޮދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކެޔޮދޫ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްގީށް އެންމެ ބޭނުންވާ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން ރަށަށްދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމުގެ މަޝްރޫޢެއް ފެށުމުގެ މުހިންމުކަމާއި، ހެލްތު ސެންޓަރަށް މުވައްޒަފުން ލިބުމުގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
އަދި ރަށުގެ އިގުތިސާދީ ކުރިއެރުމަށް ކައިރީގައިވާ ފަޅު ލިބޭނެގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ސުކޫލުގެ، ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއްހޯއްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
އަދި ކައުންސިލުން ވަނީ، އެރަށަކީ ލޯކަލް ޓުވަރިޒަމް ވަރަށްބޮޑަށް ކުރިއަރާފައިވާ ރަށަކަށްވުމުން، ޑޮލަރު އޭޓީއެމެއް ރަށުގައި ހުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

