ވ. ފެލިދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއު ފައްޓަަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލިހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ފެލިދޫ ކައުންސިލުގެ ރައީސް އަދި މެންބަރުންނާއި ސަރުކާރުުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

540 ދުވަހުން ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 105.36 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ، މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ނިމުމުން ވ. އަތޮޅުގެ ރައްޔިތިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ވ. ފެލިދޫއާއި ވ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުން މާލެއަށް ބޭސްފަރުވާ ކުރަންދާންޖެހޭ ދަތުރުތައް މަދުވެ، ސިއްހީގޮތުންނާއި މާލީ ގޮތުންވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.