ރަށަށް ބިން އިތުރުކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކުރުމަކީ ހަމަ ހަގީގަތުގައިވެސް ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދެ ކަންތައް ކަމަށާ، ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ފ. ބިލެތްދޫގެ ބަނދަރާއި ބިމުގެ ޖާގަ، ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާނެކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވެ، ޔަގީންކަން ދެއްވާފައި ވަނީ، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ބިލެތްދޫ ބަނދަރު ސަރަޙައްދުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރައްވާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މަސައްކަތްކޮށް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫއުއަކަށް، ބިން ހިއްކުމުގެ މަޝްރޫއު ވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން، ބިލެތްދޫގެ ތަރައްގީއާ ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ވަނީ ރަސްމީކޮށް އިފްތިތާހު ކުރައްވައިފައެވެ.

އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫއުއާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫއުގެ އިތުރުން، ހެލްތު ސެންޓަރަށް އިތުރު ކުރެވޭ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވައިފައެވެ.