އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު، ފ.ދަރަނބޫދޫއަށް މުހިންމު ހުރިހާ ކަމަކަށް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަށުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ރަނގަޅު ފެންވަރުގައި ކުރިއަށް ގެންގޮސްދެއްވައި، ދަރަނބޫދޫގެ ތަރައްގީ ޔަގީންކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެރަށުގައި މިއަދު ފެށި މަޝްރޫއުތަކާއި ކުރިއަށް ހުރި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށި ސިއްހީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު އެތަނުގައި ވަސީލަތާއި ޖާގަ އިތުރުވެ، ހިދުމަތް ދޭވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދަރަނބޫދޫގައި މިއަދު ބިންގާ އެޅި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް ދާއިރު، ރަށުގައި އައުޓްޑޯ ވޮލީކޯޓަކާއި ފުޓްބޯޅަ ދަނޑެއްގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެއިތުރުން، ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއްވެސް ހައްދަވައިދެއްވާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތް ނުދެވޭ ރަށްރަށުގައި، ފުލުހުންގެ ހިދުމަތްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ދަރަނބޫދޫގައި މިއަހަރުތެރޭގައި، ފުލުހުންގެ އަމިއްލަ މަރުކަޒެއް އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަންވެސް ރައީސުލްލްޖުމުހޫރިއްޔާ މިއަދު ރައްޔިތުންނަށް ދެއްވިއެވެ.

ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫއުއެއް ކަމުގައިވާތީ، އެކަމާއި ގުޅޭ މިނިސްޓްރީއާއި ކައުންސިލްގެ މަޝްވަރާއާއި އެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.