މި ސަރުކާރުގައި ހިމެނިވަޑައިގަންނަވަނީ، ބްރިޖު ވެސް އެޅި ޓީމު ކަމަށާއި، މި ޓީމު ފަހަތަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ފައަޓަވައިފައިވާ ދަތުރުފުޅުގައި، ރަށެއްގެ އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތަކާ ގުޅޭ ޕޯސްޓެއް ހިއްސާ ކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރައީސް މުއިއްޒު މާލޭގައި މަޑުނުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަމުންދާއިރު، އޭޓީއެމް ހުޅުވުންވެސް ދަނީ ކުރިއަށް ކަމަށެވެ.
”މިއީ މި ގައުމުގައި ބްރިޖްވެސް އެޅި ޓީމް. ދެ ވަނަ ރަންވޭ އަޅާ، A380 މަރުކާގެ ބޯޓު އައު ރަންވޭއަށް ޖެއްސުވި ޓީމް. އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ވެސް ކުރި ޓީމް. 25 ބުރީގެ އުސް އިމާރާތްތައްވެސް އެޅި ޓީމް.“ ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވަކި މިވެނިކަމެއް ކުޑައޭ، ނުވަތަ މާބޮޑޭ ބުނެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ އެއްވެސްކަމެއްގައި ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ޓީމް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް މަގާމާހަވާލުވެވަޑައިގެންނެވިއިރު ގައުމު ”ފިތްކަނޑައިގެން ދާވަރަށް“ ދަރުވައިލާފައިވާ ކަމަށާއި، ސެޓްލްމަންޓް އެގްރީމެންޓުގެ ނަމުގައި ދައުލަތުގެ ބަޖެޓުން 2 ބިލިއަން ރުފިޔާ ހޭދަކުރިކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
”ދަރަނި ދައްކަން ސޮވަރިން ފަންޑަށް މިލިއަނުން ޖަމާވަމުން ދިޔަ ޑޮލަރުވެސް ނަގާ ބޭނުންކޮށްލީ! ދެރައީ އެމްޑީޕީ ނިކުމެ ލޫޓުވާ ވާހަކަ ދައްކާތީ! 5 އަހަރު ވާންދެން ’އަންނަނީ އަންނަނީ‘ ބޯޑު އަޅުވައިގެން ވެރިކަން ކުރި ބަޔަކު ފައިބައިގެން ދިޔުމުން، ގިނަ ރަށްތަކުގެ ތަރައްގީވެސް ހުރީޖެހި ކަޑަވެސް ނުފެންނަ ހިސާބުގަ.“ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ޕީއެންސީން ރާއްޖޭގެ ވެރިކަމަށް އައީ، ކަންކަން ހަމަ މަގަށް އަޅުވައި، މުޅި ރާއްޖެއަށް އަނެއްކާވެސް ތަރައްގީ ގެނައުމަށެވެ.