ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މ.ދިއްގަރު ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ދިއްގަރު ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ވަނީ، ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތާއި އަލަށް ބިން ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަވަހަށް ފެށުމަށް އެދިވަޑައިގެންފައެވެ.
ހަމައެއާއިއެކު ރަށު ހޮސްޕިޓަލަށް ފިޒިޝިއަނަކާއި ސީއެންބިއުލެންސްގެ ހިދުމަތް ބޭނުންވާކަން ފާހަކުރެއްވިއެވެ.
އަދި ސުކޫލްގައި ޖާގައިގެ ދަތިކަންހުރުމުން އިތުރު ކުލާސްރޫމް ބޭނުންވާކަމާއި، ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން އަވަސް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ، ފެނަކައިގެ އިދާރީ މުވައްޒަފުން މަސައްކަތްކުރާނެ އިމާރާތެއް ނެތުމުން ދިމާވާ ދަތިތަކާއި ރަށަށް ފުލުހުންގެ އިމާރާތެއް ބޭނުންވާކަން ވެސް ފާހަގަކުރައްވާފައެވެ.
އަދި އެބޭފުޅުން ވަނީ ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައްވެސް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

