ުރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސާޅީސް ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދާއި، ޑޮލަރު އޭޓީއެމްނެތް ސިޓީތަކުގެ އިތުރަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، ޖުލުމަ 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ބޭންކް އޮފް މޯލްޑިވްސް އަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

މި މަސައްކަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ އެހެނިހެން ކަންކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސްކަމަށްވާ، މިއަހަރުގެ ނޮވެންބަރު މަހުގެ އެގާރަ ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު އެއްހާސް ޑޮލަރަށް އިތުރުކުރަން ނިންމާފައިވާކަމަށެވެ.

މީގެ އިތުން އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު ތިންހާސް ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާ ފައިސާ، ޔޫއާން އިން އެކައުންޓް ހުޅުވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހަމަޖެއްސިކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ހާއްސަ، އަދި 180 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރެވޭ ކާޑެއް ކަމަށްވާ، ޔޫނިއަން ޕޭ ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރެވިގެންދާނެ ކަންވެސް އިއުލާނު ކުރައްވާފައެވެ.

މިކަންކަމުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރުގަތުމުގެ މައްސަލައަށް ހައްލުލިބި، ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.