މ.މުލީގައި އެޅުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަގީންކަންދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މުލީގައި އެޅުމަށް ނިންމާފައިވާ 300 ހައުސިން މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީމަހު 150 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި އަދި ސެޕްޓްމެމްބަރު މަހުގެތެރޭގައި ބާކީ 150 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، ސަރުކާރުން ގެދޮރު އެޅުމަށް މިއަހަރު ދޫކުރުމަށް ނިންމާފައިވާ ލޯނަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތްތަކަށް ވަރަށް އަވަހަށް ލޯނު ދޫކުރަން ފަށާނެކަން ހާމަކުރައްވާފައެވެ.

އަދި އަންނަ އަހަރު ގެދޮރުއެޅުމަށް ދޫކުރާ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު، ހުޅުވާލަން ނިންމަވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މުލީގެ ކުރިއެރުމާ ތަރައްގީއާ ގުޅުންހުރި، މިހާރު ކުރިއަށްދާ އަދި ކުރިއަށް ހުރި މަޝްރޫއުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތް ހެދުމަށް ކުރަމުންދާ މަސައްކަތް ނިމި މިއަހަރުގެ އޮކްޓޯބަރު މަހު، މުލީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ގެނެސް މިއަހަރުގެ ނިޔަލަށް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުލީ – ނާލާފުށީގެ ކޯޒްވޭގެ މަސައްކަތް ލަސްވެފައިވަނީ ޑިޒައިނަށް ބަދަލުތަކެއް ގެންނަންޖެހުމުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މިހާރު އެމަސައްކަތް ބާރަށް ކުރިއަށް ގޮސް ދާދި އަވަހަށް ނިމިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައްޔިތުންނަށް ދެއްވާފައެވެ.

ތައުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި، އަމަލީ މަސައްކަތްފެށި ނިމެމުންދާ މަންޒަރު ފެންނާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.