ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުހިންމު މުނާސަބަތަކީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނެ އެންމެ ހައިބަވަންތަ، އެންމެ ތާރީހީ ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭނީ 1448 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހުއެވެ.
އެމަނިކުފާނު މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ގައުމީ ރޫހު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ހަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށެވެ.
މި ވޭތުވި 9 ގަރުނުގެ ތެރޭގައި، ދިވެހީންނާމެދު އެކި ދިރާސާތައް ކުރެއްވި ބޭރުގެ މުއައްރިހުން އެއްބަސްވާ އެއް ހަގީގަތަކީ ދިވެހީންނަކީ މެހުމާނުންނަށް ކަމޭހިތާ، އަމާންކަމާއި ހަމަޖެހުން ނަގަހައްޓާ، ސާފުތާހިރު، އުޅުންހުރި، ގޮތްހުރި ބައެއްގެ ގޮތުގައިކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ ރީތިކަން އެތައް ގުނައަކަށް ބަބުޅާ ވިދަނީ، އަދި ރާއްޖޭގެ ހިތްގައިމުކަން ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި ދުނިޔެއަށް ފެންނަނީ، ދިވެހީންގެ ކިބައިގައި ޒަމާނުއްސުރެ އަށަގެންފައިވާ އިސްލާމީ އަހުލާގުގެ މި ދެންނެވި ރީތި ސިފަތަކާވެސް އެކު ކަމުގައި އެމަނުކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކަންކަން ހެޔޮ މަގުން ހިންގުމުގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ޢުމްރާނީ ތަރައްގީ ގައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމާއި ތައުލީމާއި ތަރުބިއްޔަތު، ދަރީންނަށް ދިނުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެކަކު އަނެކަކާ ރީތި ބަހުން މުހާތަބު ކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ހިތާބު ނިންމަވާލެއްވީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ހިޖުރީ ސަނަތުން ކޮންމެ ރަބީއުލްއާހިރު މަހެއްގެ 2 ވަނަ ދުވަހެވެ.

