އަތުން ހިފޭ ތަރައްގީ ހޯދާއިރު، އަތުން ނުހިފޭ ތަރައްގީއަށް ވެސް އެވަރުގެ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާ، އެއީ އަޅުގަނޑުމެންގެ އުޅުމާއި، ގުޅުމާއި، އަހުލާގުގެ ތަރައްގީ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހަށް އިޝާރާތް ކުރައްވަމުންނެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ވޭމަންޑޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އިސްލާމް ދީން ނެގެހެއްޓުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި، އެކަންކަން ހާސިލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު ދުވަސްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، މިދިޔަ ދުވަސްތަކުގައި އެކުވެރި، އެއްބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވިފައި އޮތީ އިސްލާމްދީނުގެ ސަބަބުންކަން ހަނދާންކޮށްދެއްވާފައެވެ.

އެހެންކަމުން ކާބަފައިންނާއި އަބުތާލުންގެ ޖިހާދުން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދީފައިވާ އިސްލާމްދީން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޢަޒުމަކަށް ހަދަން ޖެހޭކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެކަން ވާންއޮތީ އަޅުގަނޑުމެންގެ ސިކުނޑިތައް ހެޔޮގޮތުގައި ތަރައްގީ ކޮށްގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީގެ ލިސްޓުގައި ހުރި ކިތަންމެކަމެއްވެސް ކުރެވިދާނެކަމަށާ، ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ވިސްނުން ހެޔޮގޮތުގައި ބައްޓަންނުކުރާކަމުގައިވާނަމަ އެކަމުގެ ބޭނުމެއް ނެތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ، އަޅުގަނޑުމެންގެ ހިތާ ސިކުނޑީގައި އިސްލާމްދީނުގެ ބިންވަޅު ނެގެންޖެހޭ ކަމަށާ، މި ގައުމަށް ލިބިފައިވާ އެންމެ ބޮޑު ފަހުރަކީ އިސްލާމްދީންކަމުގައި ގަބޫލުކޮށް، އިސްލާމްދީނަށް ނަސްރުދީ، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް އަޒުމުކަނޑައެޅުމަށް އިލްތިމާސްކުރައްވައިފައެވެ.

ހަމަމިއާއެކު، އިސްލާމްދީނަށް ނަސްރުދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމުގައި ފާހަގަކުރެއްވިއެވެ.

މިރޮނގުން، ރައްޔިތުންގެ އެއްބާރުލުމާއެކު ފަހުރުވެރި ގިނަ މަސައްކަތްތަކެއް، މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވިފައިވާކަންވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ޒަމާނަށް ފެތޭގޮތަށް، ވަރުގަދައަށް އިސްލާމްދީން އުނގަންނައިދެއްވަން ބޭނުންފުޅުވާކަމަށާ، އެގޮތުން އިސްލާމީ ޔުނިވަރސިޓީގެ ގޮފިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވި، ޤުރުއާންގެ ދާއިރާ ކުރިއެރުވުމަށްޓަކައިވެސް މިމޭރުމުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން، ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.