ތ. ކިނބިދޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެ އަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަންދެއްވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކިނބިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫއު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށްކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވައިފައެވެ.

މި މަޝްރޫއުއަކީ މުޅި ތ. އަތޮޅަށް މުހިންމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫއުއެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުގެ ދަށުން ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިންމު ސަރަހައްދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިން މަޝްރޫއު ފަދަ ތަރައްގީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫސް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭ ގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކިނބިދޫގެ ތަރައްގީއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން ތައުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެކަމުގެ ޔަގީންކަންދެއްވައި، ކިނބިދޫގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި، ރޭވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަންދެއްވަމުންނެވެ.