ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. ކިނބިދޫ ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އެ ރަށު ކައުސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވައިފައެވެ.

އެގޮތުން ކައުންސިލުން ވަނީ ސުކޫލުގެ ޖާގައިގެ ދަތިކަމާއި، ކިޔަވައިދިނުމަށް ބޭނުންވާ އިތުރު ފެސިލިޓީ ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވައިފައެވެ.

މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ އިތުރުން ފުޓްސަލް ދަނޑަކާއި ވޮލީކޯޓެއް ބޭނުންވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ޙިއްޞާކުރައްވާފައެވެ.