ސަރުކާރުން ރަށްރަށުގައި ހަދާ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށް ގްރޭސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމެންޓުގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 20،000 ރުފިޔާ ކަމަށް ވިޔަސް، އެ އަދަދު ބޮޑުކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އަދި އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމަރަފުށީގައި މިހާރު އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ޔުޓިލިޓީ މަސައްކަތް ނިންމަން މިހާރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެތަނަށް ވަދެވޭނެ ވަރުކޮށްދިނުން ކަމަށެވެ.

މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނުނިންމުނަސް އެންމެ ލަސްވެގެން ރޯދައިގެ ކުރިން، އެތަން ލިބުނު މީހުންނަށް އެތަނަށް ވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ތިމަރަފުށީގައި އިތުރު 100 ހައުސިން ޔުނިޓު އެޅުމަށް އަންނަ އަހަރުގައި ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ

ހައުސިން ޔުނިޓްތަކުން އާންމުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހައުސިން ޔުނިޓް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.