31 ރަށަކުން ދެންނެވި ހޫނު މަރުހަބާއަށް، ރައީސްގެ ޝުކުރު

ރައީސް ރައްޔިތުންނަށް ޝުކުރު އަދާކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު ރަށްކަމަށްވާ، ތިމަރަފުށީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަނީ ޒިޔާރަތްކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ، މެހުމާންދާރީ އަދާކުރައްވައި އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމަށް، ރައްޔިތުން ބޭނުންވާކަންކަން ވަރަށް ރަނގަޅަށް ހިއްސާ ކުރެއްވިކަމަށެވެ.

މިކަމުގެ ސަބަބުން އެމަނިކުފާނު ރައްޔިތުން ގާތަށް ކުރެއްވި މި ޒިޔާރަތުގެ މަގްސަދު ހާސިލުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

މިހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޖުމުލަ 40 އެއްބަސްވުމެއްގައި ސޮއިކުރައްވައި، 60 މަޝްރޫއުއެއް ފައްޓަވައި، 24 މަޝްރޫއުއެއް ނިމިގެން ދިޔަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަތަރު އަތޮޅުގައި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ނުހުޅުވި ހުރި ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މިހާރު ވ، މ، ފ އަދި ތ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހުރިހާ މަޝްރޫއުގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ކުރިއަށް ގެންދެވުނީ ތ. އަތޮޅުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޒަމާންތަކެއްވަންދެން ތަރައްގީގެ ރާޑަރުން ކައްސާލާފައި އޮތް ތ އަތޮޅު ތަރައްގީގެ ރާޑަރުގެ ސީދާ މެދަށް ގެނެވިފައިވާ ކަމަށެވެ.