ބީއެމްއެލްގެ ބައެއް ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ނިންމަވިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނު ކުރެއްވީ ފޭސްބުކް އަދި އެކްސް ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކާޑުތަކުގެ ލިމިޓް ބޮޑު ކުރެވޭނެ ކަމަށެވެ.
އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް ބޮޑު ކުރުމަށާއި، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ބޮޑު ކުރުމަށާއި، ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރަން ނިންމަވައިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

