ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި، ހ. ހެންވޭރުފެހި، އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މައުމޫނާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު ބޭރުގެ ކުންފުންޏަކުން ކައްކާ ގޭސް ހޯދުމުގެ މުއާމަލާތުގެ ތެރޭގައި، 3.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއް ކޮށްފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންގޮސްފައިވަނީ ހަތް ދައުވާގެ ތެރެއިން ދެ ދައުވާއަށް ހުކުމް ކުރުމެވެ.

އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މައުމޫންގެ މައްޗަށް އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އަދި ކޯޓުން ވަނީ އޭނާގެ މައްޗަށް 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިގޮތަށް ހުކުމްކުރީ މައުމޫނަށް، އަދަބުގެ ދަރަޖަ މަތިކޮށް ބޮޑު އަދަބެއް ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން އެދުމުންނެވެ.