މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ހިއްސާކުރައްވާފައެވެ.
އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި ގުޅޭ މައުލޫމާތު ސާފު ކުރެއްވުމަށެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ހިމެނެއެވެ.
މީގެއިތުރުން މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރެއްވުމަށް ކެއުޅުން އެދިވަޑައިގެންފައިވެއެވެ.
އެގޮތުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކުރައްވައި، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ކެއުޅުން ވަނީ ރައީސް އާއި ހިއްސާކުރައްވާފައެވެ.
މީގެކުރިން ރައީސް ބައްދަލުކުރައްވައި، ކެއުޅުން ހިއްސާކުރެއްވި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާފައިވާ ކަންކަން ފާހަގަކުރައްވައި، އިތުރަށް ރަނގަޅުކުރަން ބޭނުންވާކަންކަންވެސް ކެއުޅުން މިއަދު ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ ސާޅީސް އަށް ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ.
ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ޚިޔާލާއި އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ.
އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފައެވެ.

