އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ގައުމަށް ތަޖުރިބާގެ އަގުހުރި މުތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އުމުރުން ދުވަސްވީ ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމަށެވެ.
ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
”ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްރަށްވެއްސެއްގެ ހަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރަން ފެށީ 1991 އިން ފެށިގެންނެވެ.

