މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ 4،000 ހައުސިން ޔުނިޓުގެ އިތުރަށް، ސަރުކާރުން ހިންގާ 3000 ހައުސިން ޔުނިޓުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.
”މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރިން ފަށާނަން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ލައިން އޮފް ކްރެޑިޓްގެ ދަށުން ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް ވެސް ފެށޭނެ ކަމަށާއި، ކުރީ ސަރުކާރުން އެޅި ފްލެޓްތައް ވެސް، އެއްވެސް އުނިއިތުރެއް ނުގެނެސް، ވައުދުވެވަޑައިގެންނެވި ގޮތަށް ހަވާލުކުރަމުން އަންނަ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުން ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.
އެގޮތުން އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ރައްޔިތު މީހާއާއި ބޮޑު އާބާދީއަށް ނިސްބަތްވާ ރައްޔިތު މީހާ ވެސް ސަރުކާރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

