ރާއްޖޭގެ އިގުތިސާދީ ދުވެލި މިހާރު ރަނގަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ކަންކަން ސަރުކާރުން ކޮށްދެމުންދާ ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކުރަމުންދަނީ މި ސަރުކާރަށް ވާރުތަވި ހަލާކުވެފައި، އިނދަޖެހިފައި އަދި ވަޅުޖެހިފައި އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާއަށް ދައްކަން ހުރި ދަރަނި، ޑެޓް ރިލީފްގެ ހުރިހާ އެގްރިމަންޓުތަކުގައި ސޮއިކޮށް ހަމަޖެހި ނިމިފައިވާކަން ޗައިނާ ނޭޝަނަލް ޑޭގައި ބޭއްވި ޖަލްސާގައި ޗައިނާ ސަރުކާރުން އިއުލާންކުރި ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އިތުރު ކަންކަން ވެސް ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ކުރިއަށްއޮތް ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް މިދަނީ ޕްލޭންކުރަމުން. އެއްވެސް ކަންބޮޑުވުމެއް ނެތި އިރާދަކުރެއްވިއްޔާ ކަންކަން ހަމަޖައްސާނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ބިކަ ހާލުގައި ނުޖައްސާނެ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާނީ، ފައިސާ ޗާޕުނުކޮށް، ބޭރުގެ ދަރަނި ދައްކަވަމުން، ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަވަމުން ކަމަށެވެ.