ރާއްޖޭގައި މިހާރު މަނާކޮށްފައިވާ ވޭޕާ ގުޅޭ އެކި މައްސަލަތަކުގައި، މިދިޔަ މަހު 24 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހު ވޭޕާއި ގުޅޭ ތަފާތު 13 މައްސަލައެއްގައި 24 މީހަކު ޖޫރިމަނާކުރީ 136،500 ރުފިޔާ އިން ކަމަށެވެ.

އެގޮތުން ވޭޕް ގެންގުޅުނު 10 މީހުން 41،000 ރުފިޔާ އިން ޖޫރިމަނާ ކުރިއިރު، ވޭޕް ބޭނުންކުރި 14 މީހުން 95،500 ރުފިޔާ އިން ޖޫރިމަނާކުރި ކަމަށް ފުލުހުން ބުންޏެވެ.

ވޭޕް ބޭނުން ކުރުމުން ނުވަތަ އޭގެ ވިޔަފާރި ކުރުމުން ކުރާ ޖޫރިމަނާގެ ތަފުސީލު ފުލުހުން ފޮނުވަނީ މެސެޖެއްގެ ގޮތުގައި އެ މީހެއްގެ ފޯނަށެވެ.

އަދި ވާރުޕޭ މެދުވެރިކޮށް ޖޫރިމަނާގެ ފައިސާ ދެއްކޭނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000 ރުފިޔާގެ ޖޫރިމަނާ ކުރާނެއެވެ.

މީގެއިތުރުން ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.

މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.