ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ހާއްސަ ވެގެންވާ އެއް ދުވަހަކީ ހުކުރު ދުވަހެވެ. އެ ދުވަސް އެތައް ގޮތަކުން އަޅުގަނޑުމެން މުސްލިމުންނަށް ހާއްސަ ވެގެންވެއެވެ.
އެ ދުވަހަކީ އާދަމުގެފާނު ހަލްގު ކުރެއްވި ދުވަހެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނީވެސް، އަދި އެތަނުން ބޭރުކުރެއްވުނީވެސް އެދުވަހުގައެވެ.
މިއީ މުސްލިމުންނަށް އަންނަ ހަފްތާގެ ޢީދެއްކަމުގައި ކީރިތި ރަސޫލާ(ސ.އ) ޙަދީޘް ކުރައްވާފައި ވެއެވެ.
ހުކުރު ދުވަހު ކީރިތި ރަސޫލާ(ސ.އ.ވ) އަށް ސަލަވާތް ކިޔެވުން ގިނަކުރުންވެސް ސުންނަތްވެގެން ވެއެވެ. ކީރިތި ރަސޫލާ(ސ.އ.ވ) ގެ ޙަދީޘެއްގެ މާނައިގައިވެއެވެ.
“ހަމަކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތްކަންބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. ފަހެ، އެ ދުވަހު، ތިމަންކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން ގިނަކުރާހުށިކަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ރައްދުކުރެއްވެއެވެ.” (މިޙަދީޘް ރިވާކުރެއްވީ އަލްއިމާމު އަބޫ ދާވޫދެވެ.)
ހުކުރު ދުވަހަކީ މި އުއްމަތަށް ޚާއްޞަ ކުރައްވާފައިވާ ދުވަހެވެ. ހުކުރު ދުވަހުގެ ޚާއްޞަކަމުގެ ތެރެއިން އެދުވަހުގައި ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތެއް ލައްވާފައި ވާކަމުގައިވެސް ސުންނަތުން ސާބިތުވެއެވެ.
އެ ވަޤުތު ދުޢާކުރާ އަޅެއްގެ ދުޢާ އިޖާބަ ކުރައްވާނޭ ކަމުގައިވެސް ބަޔާން ކުރައްވާފައިވެއެވެ.
އަލްބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.
”ހަމަކަށަވަރުން، ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ދިމާވެއްޖެ މުސްލިމަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދުޢާކޮށްފިނަމަ، އޭނާ އެދޭކަމެއް ފުއްދަވައި ދެއްވާނެތެވެ.” (އެބަހީ: އޭނާގެ ދުޢާ އިޖާބަކުރައްވާނެތެވެ.) އަދި އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމުގައިވެސް ޙަދީޘްކުރެއްވިއެވެ
ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތުކޮޅަކީ ކޮން ވަގުތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް އެބަހުއްޓެވެ.
އޭގެ ތެރެއިން އެންމެ ޞައްޙަ ދެ ގޮތަކީ އިމާމު މީހާ މިންބަރަށް އަރައި އިށީނީއްސުރެ، ހުކުރު ނަމާދު ނިމެންދެން އޮންނަ ވަގުތެވެ. އަދި ޢަޞްރު ނަމާދަށް ފަހުގައި އިރުއޮއްސުމާ ދެމެދުގައިއޮންނަ ވަގުތެވެ.
(ޝެއިހު ހަސަން މޫސާ ފިކުރީގެ ލިޔުއްވުމަކުން)

