ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއު ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމުގެ މަގްސަދުގައެވެ.
މި މަޝްރޫއުގެ ދަށުން، ތިރީގައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
1. އިމާރާތްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ހަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލުން.
2. މިގޮތަށް ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތަޢާރަފްކުރުން.
3. މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްގީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
4. ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.
މީގެ އިތުރުން، މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫއުއާ ގުޅޭ ކަންކަން އިތުރުކުރައްވައިގެން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

