ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ މަޝްރޫއުއަކީ އދ. ދަނގެއްޗަށް އެކި ގޮތްގޮތުން ނުހަނު ބޭނުންޖެހިފައި އޮތް ތިން މަޝްރޫއުކަން ފާހަގަކުރައްވައި، މި މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދޭގޮތަށް ކަމަށާއި، މި މަޝްރޫއުތައް ނިމިގެންދާއިރު، އުމްރާނީ އަދި އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މިފަދައިން ޔަގީންކަންދެއްވައި ވާހަކަފުޅުދައްކަވާފައި މި ވަނީ އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ.
ދަނގެތީ ސްކޫލު ހޯލުގައި މިއަދު ހެނދުނު، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ، މި 3 ކަމަކީވެސް ގުޅިލާމެހިފައި އޮތް 3 ކަންތައްކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މި 3 މަސައްކަތް ކުރިއަށްގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
އަދި މިއީ ރަށުގެ ތަރައްގީއަށްޓަކައި ވަރަށް ބޮޑަށް ހައްލުކުރަން ޖެހިފައި އޮތް 3 މައްސަލައަށްވާއިރު، މި މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، އދ. ދަނގެތީގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ އިތުރު ބައެއް މަޝްރޫޢުތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން، މިއަދު ސޮއިކުރެވުނު ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއު ނިމިގެންދިއުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޖުމުލަ ގޮތެއްގައި ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އަދި މި މަސައްކަތް ނިމުމުގެ ކުރިންވެސް، ސްކޫލުގެ ކުލާސްރޫމްތަކާއި، މިހާރު ބޭނުންކުރަމުންދާ ހޯލާއި އެނޫންވެސް މުހިންމު ތަންތަން ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާ ތަރައްގީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ބިން ހަމަޖެހިގެން ދިއުމާއެކު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އަދި ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ރަށުގައި ތައާރަފުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ހަމަ މިއާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އދ. ދަނގެތީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

