އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް، އަންނަ ނޮވެންބަރުމަހު ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވަމުންނެވެ.

ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ދިއްދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، ދިއްދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިތަނުގެ ގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި ބެހޭގޮތުން ރައްޔިތުން ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ހިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ގިނަ ދުވަސްވެފައިވާ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ނޮވެންބަރުމަހު މަސައްކަތް ފެށޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ހިޔާލު ބަދަލުކުރައްވާފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.