އދ. ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން އެ އަތޮޅު ”ފޮފަޅަގައު“ ފަޅު ބޭނުންކުރެވިދާނެ ކަމަށް ކުނބުރުދޫ ރައްޔިތުން ހުށަހަޅައިފައިވާ ގޮތަށް، އެ ފަޅަކީ، އެ ރަށުގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މިއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައިވާ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އިސްލާހު ގެންނަވައި، އެ ގަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަ ކުރައްވާފައެވެ.