އދ. މާމިގިލީ ހޮސްޕިޓަލު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

540 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ، މާމިގިލީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. ގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އެ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެެވެ.

މިނިސްޓަރުގެ އަރިހުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި މާމިގިލި ކައުންސިލުގެ ރައީސް އިމާދު ފާރޫގް ބައިވެރިވެވަޑައިގަތެވެ.

މި ފެށިގެން ދިޔަ މަޝްރޫއުގެ ދަށުން، މާމިގިލީގައި ތަރައްގީ ކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މި ހޮސްޕިޓަލް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ހިދުމަތްތަކެއް ގާއިމު ކުރެވޭނެއެވެ.

މިއީ ސަރުކާރުން 105 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ.