އދ މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރޭ، އެ ރަށުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ އިތުރު މަޝްރޫއުއެއްގެ ގޮތުގައި ރަށުގެ ސްކޫލު ތަރައްގީ ކުރުމުގެ މަޝްރޫއު ފާހަގަކުރައްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ މަސައްކަތްތައް ނިމޭނެ ކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތަށް ބަލާއިރު ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން، ދެމެހެއްޓެނިވި ތަރައްގީއަށް ހާއްސަ އިސްކަމެއް ދެއްވާކަން ތަކުރާރުކުރައްވާފައެވެ.

އެގޮތުން މާމިގިލީގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު، އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.