ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ހިދުމަތްދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން ކުރިއަށްގެންދާ ފޮޓޯ މައުރަޒު ”ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް“ ނައިބު ރައީީސް ހުސެއިން މުހައްމަދު ލަތީފު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީީސް ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ.
އަދި މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ އަރުވާފައެވެ.
މި އުފެއްދުން ނައިބު ރައީީސްގެ އަތްޕުޅަށް އެރުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޒޫޝާން ކަމާލުއްދީނެވެ.
އެއަށްފަހު، ނައިބު ރައީީސް ވަނީ، ”ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް“ ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.
މި މައުރަޒަކީ، ދިވެހިރާއްޖޭގެ ތަރައްގީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ހިދުމަތްތަކާއި، މިދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ.
މި މައުރަޒު ކުރިއަށްދާނީ މިހިނގާ އޮކްޓޫބަރު މަހުގެ 7 އަދި 8 ގައި، ސިފްކޯ ހޯލުގައެވެ.
ތަމްރީނު ލިބިފައިވާ އުފެއްދުންތެރި މަސައްކަތްތެރިންގެ ހިދުމަތްތައް ގައުމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތެރިން އުފައްދަވައި، ބިނާކުރެއްވުމަށް ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.
އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ހިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައެވެ.

