މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ “ ރައްކާ ރޯޑް ޝޯވ“ ގއ. އަތޮޅުގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ފުލުހުން ބުނީ  މި ޕްރޮގްރާމް އެއަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 10 އިން 19 އަށް ކަމުގައެވެ.

ރައްކާ ރޯޑް ޝޯވ އެކި ޕްރޮގްރާމްތައް 9 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

އެރަށްތަކަކީ ގއ. ވިލިނގިލި، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ، ދާންދޫ، މާމެންދޫ، ނިލަންދޫ، ކޮލަމާފުށި އަދި ދެއްވަދޫއެވެ. ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުރަތަމަ ހަރަކާތްތައް އޮކްޓޫބަރު 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ.

އެގޮތުން އެދުވަހު އެރަށުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

މި ހަރަކާތުގެ އިތުރުން ރައްކާ ރޯޑް ޝޯވގައި ތެރެއިން ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް، ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިިންގުމަށް ހަމަޖެހިފައިވާ ސެޝަން، ފަހިރާސްތާ ޕްރޮގްރާމް، ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް އަދި ވޯކް އެންޑް ޓޯކް ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖް ހިމެނޭ ބިލްބޯޑު އިފްތިތާހުކުރުމާއި ރޯޑް ސޭފްޓީ ހިނގާލުމަކާއި މަސްރޭހަކާއި ރޯޑް ސޭފްޓީ ކުއިޒް މުބާރާތްތަކާއި ވޮލީބޯޅަ މުބާރާތްތަކާއި ބީޗް ފެސްޓިވަލެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

”މި މަގުތައް އް އަމާންކުރަނާން“ މި ޝިއާރުގެ ދަށުން ގއ. އަތޮޅުގައި ކުރިއަށް ގެންދާ ރައްކާ ރޯޑްޝޯވ އޮކްޓޫބަރު 19 ވަނަ ނިންމާލުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމް ނިންމާލުމަށް ހަމަޖެހިފައިވަނީ އެޕްރިސިއޭޝަން ޑިނަރއަކުންނެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ވިޔަފާރިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތުން އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމްޓީސީސީ ހިމެނެއެވެ.

އަދި ގއ. އަތޮޅުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގއ. އަތޮޅު ކައުންސިލާ ގުޅިގެންނެވެ.