ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު  އޮމަދޫ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވައިފައެވެ.

މިގޮތުން ކައުންސިލުން ވަނީ ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ލަސްވަމުންދާތީ އެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން ރަށުގައި އޭޓީއެމްގެ ހިދުމަތް ލިބެމުންދާކަން ފާހަގަކުރައްވައި، ކައުންސިލްގެ ފަރާތުން ވަނީ، ޑޮލަރު އޭޓީއެމްގެ ހިދުމަތް ރަށުގައި ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި ރަށު ބަނދަރުގެ މަސައްކަތް، ހާއްސަކޮށް ބޭރު ތޮށީގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ.

އޮމަދޫ ކައުންސިލުން ވަނީ މީގެ ކުރިން އެދިވަޑައިގެންނެވި އެންމެހާ ކަންކަން ފުރިހަމަކޮށްދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.