ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އދ. މަހިބަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.

މިގޮތުން ކައުންސިލުން ވަނީ، ރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަކާއި، ބަނދަރުގައި އޮޑިދޯނި ފަހަރު ފަސޭހައިން އަޅާފައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެއިތުރުން އައު ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވައިދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ.

އަދި، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއެކުގައި ހައުސިން ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި މަހިބަދޫގެ އިހްތިސާސްގައި ހިމެނޭ މާފަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވާފައިވާތީ އެކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.

އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.