އދ.އަތޮޅުގައި ވެސް، ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފަށައިފިއެވެ.

މި ހިދުމަތް މިރޭ ފަށާފައި ވަނީ، އެ އަތޮޅު މަހިބަދޫގައެވެ.

އެ ރަށުގައި ޕާސްޕޯޓް ހެދުމުގެ ހިދުމަތް މިރޭ ފެށުމާއެކު، ރާއްޖޭގެ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުރިހަމަވީއެވެ.

މިދިޔަ ސެޕްޓެންބަރު މަހު ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅަކުން އައިޑީކާޑު ހެދުމުގެ ހިދުމަތް ދެއްވުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުވެސް ފުރިހަމަ ކުރައްވައިފައެވެ.

ރައީސްގެ މި ވައުދުތައް ފުއްދެވުމާއެކު، މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި، އެމަނިކުފާނަށް ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުންނާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ފަރާތުން ހަނދާނީ ފިލާތަކެއް އަރުވައިފައެވެ.

މި ފިލާތައް ވެދުމަށް އެރުވީ، ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.

ރައީސް މުއިއްޒުގެ އަމާޒަކީ، ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމެވެ.

އަދި ބޮޑު ހަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ގޮތް ސަރުކާރުން ހަމަޖެއްސެވިއިރު، ދިވެހީން އެންމެ ގިނައިން ގޮސް އުޅޭ ކައިރި ގައުމުތަކަށް ވެސް މި ހިދުމަތްތައް ފުޅާ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.