އދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށް ކަމަށްވާ، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވައިފައިވެއެވެ.
އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްގީގެ މަސައްކަތްތައް ފައްޓަވައި، ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ.
އެގޮތުން، ރައީސްގެ މިދަތުރުފުޅުގައި، ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫއުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫއުތައް ފައްޓަވާފައިވެއެވެ.
އަދި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.
މުޅި ރާއްޖެއަށް އަމާޒުކުރައްވައިގެން އަދުގެ ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތަކާއި، ނިންމަވަން ގަސްތުކުރައްވާ ބައެއް ކަންކަމުގެ ތަފްސީލުތައްވެސް އެމަނިކުފާނު ވަނީ މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

