ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު ތޫނި ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި މާރާމާރީ ހިންގައި، އޭނާގެ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން އުޅޭ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުހައްމަދު ޒަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެމީހުންވެސް ހައްޔަރުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

އެމައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަހުމީން ޝަރީއަތުން ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ކަމަށެވެ.

އަދި މުހައްމަދު ޒަމީރު 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި ކަމަށެވެ.

އެމައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.