ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް އަށް ބަދަލުކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިއުލާނު ކުރައްވާފައިވަނީ، އިއްޔެ ޝާއިއުކުރެއްވި، ގަރާރުންނެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް 2019 ވަނަ އަހަރު އުފައްދަވާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި ”ސިންގަލް ވިންޑޯ“ އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަގްސަދުގައެވެ.

މި ކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑް ގެ ނަމަށް ބަދަލުކުރައްވަން ނިންމެވީ، ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަން ގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ ”މޯލްޑިވްސް 2.0“ ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.