ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި، މިއަހަރުގެ ޝިއާރުކަމަށްވާ ”އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަން“ މި ޝިއާރުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ.

އެގޮތުން، ދެމިގެންދާ އިންސާނީ ކާރިސާތަކާއި އެފަދަ ހާލަތްތަކުގައި ދިރިއުޅުން ވޭތުކުރަމުންދާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްނުކުރެވޭކަން ފާހަގަކުރައްވައި، އެކަމާމެދު ހިތާމަފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަކީ އެފަދަ ހާލަތެއްގެ މިސާލުކަމަށެވެ.

އަދި، މިފަދަ ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވަނީ ހަމައެކަނި މާއްދީ ގެއްލުން ނޫންކަމަށާއި، އަންދާޒާނުކުރެވޭ ވަރުގެ ނަފްސާނީ ގެެއްލުން އެފަރާތްތަކުން ތަޙައްމަލުކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގުގެ މައިގަނޑު އަސާސެއް ކަމަށާއި އަދި އެއީ ވިލުންތެރި އިންސާނީ، އާއިލާތަކާއި، މުޖުތަމައުތައް ބިނާކުރުމުގެ ބިންގާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ، އެމަނިކުފާނުގެ ޒަޢާމަތުގައި ސިޔާސަތުތަކާއި، ރޭވުންތަކާއި، ބަޖެޓުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްޕުޅުކުރައްވާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.

އެގޮތުން، މެންޓަލް ހެލްތު ޤާނޫނުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، އަމިއްލައަށް މަރުވުންފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ނަފްސާނީ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ޓެލެ-މެންޓަލް ހެލްތު ކުރިއަށް ގެންދިޔުމާއި، ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ހިދުމަތް އިމަރޖެންސީ ރެސްޕޮންސް ނިޒާމުގެ ތެރެއަށް ފުޅާކުރުން ހިމެނޭކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި، މޫސުމީ، ސިއްހީ އަދި އިންސާނީ ކާރިސާތަކުގައި އަމަލުކުރާ އިމަޖެންސީ ރެސްޕޮންސްތަކުގައި ނަފްސާނީ ފަރުވާވެސް ހިމެނުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި، ދިވެހިންގެ ވިލުންތެރިކަމާއި، އުންމީދާއި، ހިތްވަރު އިތުރަށް ވަރުގަދަކުރުމުގައި ޖަމުއިއްޔާތަކާއި ބައިނަލްއަގްވާމީ ބައިވެރިންނާއެކު ސަރުކާރުން ގުޅިގެން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.