ހުޅުމާލެ ހޮސްޕިޓަލުގައި އާތުރޮސްކޮޕިކް ނީ ސަރޖަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގެ އޮތޯޕީޑިކް ޑިޕާރޓްމަންޓްގެ ކްލިނިކަލް ހެޑް، ޑރ. އަހުމަދު އާޒިމްގެ އިސްނެންގެވުމުގެ ދަށުން އާތުރޮސްކޮޕިކް (ކީހޯލް) ނީ ސަރޖަރީއެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް އަވަސް ފަރުވާ ލިބިގެންދާނެ ކަމަށެވެ.

”މިކުރެވުނު އާތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީއާއެކު، އަޅުގަނޑުމެންގެ ހޮސްޕިޓަލުގައި އާތްރޮސްކޮޕިކް ނީ ސަރޖަރީގެ ހިދުމަތް ރަސްމީކޮށް ފެށިގެން ގޮސްފައިވާކަން އުފަލާއެކު ދަންނަވަން.“ ހަލީމް ވިދާޅުވިއެވެ.

ހަލީމް ވަނީ، މި ފާހަގަކޮށްލެވޭ ކާމިޔާބީއަށްޓަކައި މުޅި ޓީމަށް ހޫނު މަރުހަބާއާއި ތަހުނިޔާ ދަންނަވައިފައެވެ.

އޭނާ ވިދާޅުވީ، މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ބަލި މީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އާތުރޮސްކޮޕިކް ނީ ސަރޖަރީއަކީ، ކަކުލަށް ކެމެރާއެއް ލައްވައިގެން، ކަކުލުގެ އެކި މައްސަލަތައް ހައްލު ކުރުމަށްޓަކައި ކުރާ ސަރޖަރީއެކެވެ.