ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ ފަހުރުވެރި ރަންވަނަތައް ފާތުމަތު ޝާޔާ ޒާހިރާއި އައިޝަތު ޝަބާ އަދި އަހްމަދު ޝައިމް ރިޒާއަށް ލިބިއްޖެއެވެ.

މި މުބާރާތުގެ ވަނަތައް ދިނުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިގޮތުން ހާފިޒުންގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ހާސިލްކޮށްފައިވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ޝާޔާއެވެ.

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ހާސިލު ކުރީ، މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޝަބާއެވެ.

އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލްކޮށްފައިވަނީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޝައިމެވެ.

މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރެވެ.