ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެންމެ އިސްކަން ދޭންޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމަށާއި ބާރު އެޅުމުގެ އިތުރުން އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 37 ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ހާއްސަ އިސްކަންދެއްވުމަށް ނިންމެވީ މި ގައުމުގެ ދަރިން ތަރުބިއްޔަތުކޮށް، ބައްޓަންކުރުމުގެ ބޭނުމުގައި ކަމުގައި ވިދާޅުވިއެވެ.

އަދި މި މުބާރާތަކީ ރާއްޖޭގެ އެންމެހާ ކިޔަވާ ކުދިން ކުރިއަށްއޮތް ދުވަސްތަކުގައި ވަރަށް ގަދައަޅާ، ފޯރީގައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ގިނަ ފަރާތްތަކެއް ބައިވެރިވުމާއެކު ވަނަތައް ހޯދުމަށް މަސައްކަތް ކުރާނެ މުބާރާތަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރީންނަކީ ކީރިތި ޤުރުއާން ކިޔެވުމަކީ ފަހުރެއްގެ ގޮތުގައި ދެކި، ކީރިތި ޤުރުއާން ކިޔަވަން ބޭނުންވާ ކުދިންނަށް ވުމަށް އެދޭ ކަމުގައި ވިދާޅުވިއެވެ.

އަދި މިއާއެކު އާންމު ރައްޔިތުންނާއި މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު މި މަގުސަދު ހާސިލު ކުރުމަށް އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.