އިންޑިއާގެ ތިން ކުންފުންޏަކުން އުފެއްދި ވިހަ މާއްދާ ހުރި ކެއްސާތީ  ބޭނުންކުރާ ތިން ބޭސް ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށް  މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ( އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އިންޑިއާގައި ވިއްކަމުންދާ ކެއްސާތީ ދޭ ސިރަޕްތަކެއް ބޭނުން ކުރުމުގެ ސަބަބުން 20 ކުއްޖަކު ވަނީ މަރުވެފައެވެ.

އެމްއެފްޑީއޭއުން ކުރި އިއުލާނެއްގައި ބުނީ، އިންޑިއާގެ ތިން ކުންފުނިން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިތީލް ގްލައިކޯލް (ޑީއީޖީ) ހުރެގެން އެބޭސްތައް ބޭނުން ކުރުމާއި، ވިއްކުން މަނާކޮށްފައިވާ ކަމަށް ސައުތް އީސްޓް އޭޝިޔާ ރީޖަން ނެޓްވޯކް (އެސްއީއޭއާރްއެން) އިން އެއޮތޯރިޓީއަށް އެލާޓްކޮށްފައިވާ ކަމަށެވެ.

އެ އެލާޓްގައި ފާހަގަ ކޮށްފައިވާ ތިން ކުންފުންޏަކީ، އެމްއެފްޑީއޭއިން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫން ކަމަށް އިއުލާނުގައި ވެއެވެ.

އެހެންކަމުން އެ ކުންފުނި ތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، އެކަމަށް ސަމާލުވުށް އެދޭ ކަމަށެވެ.

ވިހަ މާއްދާ އެކުލެވޭ ބޭސްތަކަކާއި އުފައްދާ ކުންފުނިތަކަކީ ސިރަޕް ކޯލްޑްރިފް – ސްރީސަން ޕާމަސޫޓިކަލް، ރެސްޕިފްރެޝް – ރެޑްނެކް ޕާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑް، އަދި ސިރަޕް ރީލައިފް – ޝޭޕް ޕާމާ ޕްރައިވެޓް ލިމިޓެޑެވެ.

އެމްއެފްޑީއޭއިން ބުނީ، ރާއްޖެއަށް އެތެރެ ކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ހާއްސަކޮށް ތުއްތު ކުދިންނަށްދޭ ބޭހުގައި މިހާރު ފާހަގަ ކުރެވެމުންދާ އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަބަދުވެސް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.