އައްޑޫ ސިޓީ ކައުންސިލު އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އެ އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ ސުވާލުތަކަށް އެމަނިކުފާނު ބަދަލު ގެންނަވައިފިއެވެ.

މިބަދަލުތައް އެމަނިކުފާނު ގެންނެވީ އެކަމަށްޓަކައި ނެރުއްވި ހާއްސަ ގަރާރަކުންނެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސްއަށް ފެނިވަޑައިގަންނަވާ ހާލަތެއްގައި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، އެ ވޯޓެއް ނެގުމަށް ގަރާރަކުން ކަނޑައަޅުއްވަންޖެހިވަޑައިގަންނަވައެވެ.

އަދި އެ ގަރާރެއްގައި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅުއްވާ ސުވާލުތައް ތަފްސީލުކޮށް ބަޔާންކުރެވިފައި ހުންނަންޖެހެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.

އެ ގަރާރާ އެއްގޮތަށް އެ ވޯޓު މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިދިޔަ ހަފުތާގައި، ރައީސް ވަނީ އިތުރު ގަރާރަކުން ކުރިން ހުށަހެޅުއްވި ސުވާލުތަކަށް ބަދަލުތައް ގެންނަވައިފައެވެ.

ރައީީސް ގެންނެވި ބަދަލުގައި، އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލު އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވާފައިވެއެވެ.

އޭގެ ބަދަލުގައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ނަމުގައި ވަކިވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

ރައީސްގެ ގަރާރުގައިވާ ސުވާލުތަކަށް ބަދަލު ގެންނެވި ނަމަވެސް ވޯޓުލާ ދުވަހަކަށް ބަދަލެއް ނާންނާނެއެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި ވޯޓުގެ ނަތީޖާ އަންނަ މަހުގެ 26 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.