ހެލްތު މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެ ރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަކުރާރުކުރައްވައިފިއެވެ.

ރައީސް، ދިވެހި ރައްޔިތުންނަށް މި ޔަގީންކަން ތަކުރާރުކޮށް ދެއްވާފައި ވަނީ ށ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި، އެ އަތޮޅު ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްގީ ކުރައްވާ އެއްދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ސިއްހީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި، 2 އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް، ނޫމަރާގައިވެސް ލެބޯޓްރީ ތަރައްގީ ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް، ރަށުގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވައި، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ނޫމަރާގެ ރައްޔިތުންނަށް ދެއްވާފައެވެ.

އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަށް ރިޢާޔަތްކުރައްވައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ދޯނިއެހެލާނެ ސަރަޙައްދަކާއި، މޫދަށް އެރޭނެ ސަރަޙައްދެއްވެސް ހަމަޖެހިގެންދާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ނޫމަރާގައި ކުރިއަށްގެންގޮސްދެއްވާނެ ބައެއް މަޝްރޫއުތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި، ވޮލީކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަންދެއްވިއެވެ.

އަދި ތައުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

މީގެ އިތުރުން ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމައި، ރީލޮކޭޓް ކުރުމުގެ މަސައްކަތްތައްވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވައިދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރްޓީއެލް ރޫޓު ދިގުވުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.